މިވަގުތު ގައުމުގެ ރަސްމީ ގްރޮސް ރިޒާވްގެ މިންވަރު 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، މިއީ، ދިވެހިރާއްޖޭގެ ތާރީހުގައިވެސް މި އަދަދު އެންމެ މައްޗަށް ދިޔަ ފަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ އަދުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަނީ ދިވެހި ރައްޔިތުންނަށް ވާރުތަކުރުވި ބުރަބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް، އެކަމަށް ތަސައްލީއެއް ހޯދައިދީ، މާލީ ގޮތުން އަދަށްވުރެ ފަހި މާދަމާއެއް ދިވެހި ގައުމަށް ހޯދައިދިނުމަށް ކަމަށެވެ.
ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 2025 ވަނަ އަހަރު ލިބިފައިވާ ފައިސާގެ މިންވަރު، 2024 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތަ ކުރިއަރާފައިވާކަމަށާ، މި ބަދަލުތަކާއި، އިގްތިސާދީ ކުރިއެރުމުގެ ދުވެއްޔަށް އަންނަ ބަދަލުތަކާއެކު، މިހިނގާ 2026 ވަނަ އަހަރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމުގައި ރައީސް ވިދާޅުވިއެވެ.
އާމްދަނީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއެކު، ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު، 2025 ވަނަ އަހަރު ލިބިފައިވާކަމަށާ، އެކަމުގެ ނަތީޖާއަކަށްވީ، ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވްރިން ޑިވަލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) އަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލުއައުން ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބޭރު ފައިސާގެ ގާނޫނު ތަންފީޒުކުރަން ފެށިފަހުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރާއި ހަމައަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން 2025 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަކީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުރަތަމަ ބަޖެޓު ކަމަށާ، ހަމަމިއާއެކު އަހަރު ނިންމާލީ ސަޕްލިމެންޓްރީ ބަޖެޓަކާ ނުލާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ ފާއިތުވީ 5 އަހަރުދުވަހުގެ ތެރޭގައި މިކަން މިގޮތަށް ނިމުނު ފުރަތަމަ ފަހަރުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ބަޖެޓް ޑެފިސިޓްގެ ތަފާސް ހިސާބުތަކަށްވެސް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މިދިޔަ 5 އަހަރު ދުވަހުގެ މުއްދަތުގައި އަހަރެއްގެ މައްޗަށް އެވަރޭޖު ޑެފިސިޓް 9 ޕަސެންޓަށް ވުރެ މަތީގައި ހުރި ނަމަވެސް މިހާރު އެ އަދަދު ދަށް ކުރެވިފައިވާކަމަށެވެ. 2025 ވަނަ އަހަރު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 5 ޕަސެންޓަށް އެ މިންވަރު ދަށްކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަހަރުގެ ފުރަތަމަ 40 ހަފުތާ، ބަޖެޓް ސަރޕްލަސް ނުވަތަ އަރަނި ބަޖެޓެއްގެ ގޮތުގައި ވަނީ ހިފެހެއްޓިފައިކަންވެސް ފާހަގަކުރެއްވިއެވެ.
މި ހިނގާ 2026 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އިތުރުން، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު ވަންނާނެކަން މިހާރު ކަށަވަރުވެފައިވާކަމަށާ، މިއަދަދު، ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ޖަމާވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ވިލުންތެރި ގައުމަކަށް ދިވެހިރާއްޖެ ވެގެން ދިއުމަކީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމަށްވެސް ނުހަނު ފައިދާކުރާނެ ކަމެއް ކަމަށާ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ އިގްތިސާދާއި މާލިއްޔަތު އޮތް ނާޒުކު ހާލަތުން ސަލާމަތްކުރުމަށް އަދުގެ ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތަކާއި އެކަމުގެ ސަބަބުން ގަމުގެ އިގްތިސާދާއި މާލިއްޔަތަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް، ތަފްސީލީ ގޮތެއްގައި ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ.