English Edition
Dhivehi Edition
2026 ވަނަ އަހަރުެގެ ފުރަތަމަ ދައުރުގެ ރިޔާސީ ބަޔާން އިއްވުން /ފޮޓޯ: ޕީއެސްއެމް

މިއަހަރު މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތަށް 15 މިލިޔަން ރުފިޔާ ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ2025 ވަނަ އަހަރު 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒުގެ އިތުރުން ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ 3 ގޮތްޕަކާ އަދި 6 ވަޤުފު އިމާރާތާއެކު ޖުމުލަ 90 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ.

ހުޅުމާލޭގައި ގްރޭންޑް މިސްކިތް ބިނާކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މާލެގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީކުރެވޭނެކަމަށެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރު މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތަށް 15 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ އަހަރަކީ އެންމެ ގިނައިން ހާފިޒުން ދަސްވެނިވި އަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު 30 ހާފިޒުން ދަސްވެނިވެފައިވާކަމަށެވެ. އަދި ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ތަރައްގީރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އިތުރަށް ރައީސް ވިދާޅުވީ ހާފިޒުންނަށް ސަރުކާރުން ދެމުން އައި އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ އެކި ކަންކަމަށް ހަރަދުކުރުމަށް ދެމެހެއްޓެނިވި ގޮތަކަށް ފައިސާ ލިބޭނެ ގޮތް ހެދުމަށްޓަކައި މާލޭގައި ޤުރުއާނަށް ހާއްސަ ވަޤުފު އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށެވެ. އިތުރަށް ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޤުރުއާން ކިޔަވައިދޭން މުދައްރިސުން އިތުރުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ.