ކެންސަރު ޖެހިފައިވާ މީހުންގެ ހިތްވަރާއި އެ ދަތުރުގައި އެމީހުންނާއެކު ބައިވެރިވާ އާއިލާތަކުގެ ސާބިތުކަން، ރައީސް ޑރ މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.
ރައީސްގެ މެސެޖުގައި، ކެންސަރު ބަލީގެ ކޮންމެ މީހެއްގެ ވާހަކައަކީވެސް ހާއްސަކަމެއް ލިބިފައިވާ ތަފާތު ވާހަކައެއް ކަމުގައި ވިދާޅުވިއެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ގިނަ އާއިލާތަކަކަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ފޯރުމުގެ އިތުރުން، ފަރުވާއަށް ހިނގާ މާލީ ހަރަދުތަކުގެ ސަބަބުންވެސް ނުތަނަވަސްކަމާ ކުރިމަތިކުރުވާކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި، ކެންސަރު ކޮންޓްރޯލްކުރުމުގެ ގައުމީ ޕްލޭން 2022-2026 ގެ ދަށުން، ކެންސަރު ބަލިން ރައްކާތެރިވުމާއި، ދުރާލާ ބަލި ދެނެގަނެ، ފަރުވާ ދިނުމާއި، ޕެލިއޭޓިވް ކެއަރ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އަސާސީ ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމާއި، ދުންފަތް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމުގެ އިތުރުން، ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބަލިމީހުންނާއި އާއިލާތަކާ ގާތުން އޮންކޮލޮޖީ ފަރުވާ ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތްތައް، ހުސްވި ޖަނަވަރީމަހުގެ ތެރޭގައި އިފްތިތާހްކުރެވިފައިވާކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް، ރައީސް ތައުރީފު ކުރައްވާފައިވެއެވެ. އަދި ކޮންމެ މީހެއްގެ ވާހަކައަކީވެސް މުހިންމު ވާހަކައެއްކަމާއި، ކޮންމެ ފުރާނައަކީވެސް މުހިންމު ފުރާނައެއްކަމުގައި ފާހަގަކުރައްވަމުން، މިކަމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސްގެ މެސެޖުގައި ގޮވާލެއްވިއެވެ.
ދުވަހާ ގުޅިގެން ރައީސްގެ ރަސްމީ އެކްސް އެކައުންޓްގައި މިއަދު ހިއްސާކުރެއްވި މެސެޖުގައި، ކެންސަރު ބަލީގައި ކޮންމެ އަހަރަކުވެސް އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާކަން ފާހަގަކުރައްވައި، ބައްޔާ މެދު ހޭލުންތެރިކަން އިތުރުކޮށް، ބަލިން ރައްކާތެރިވުމަށާއި، ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.