ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ޕެންޝަން އޮފީސް ގުޅިގެން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މުއާމަލާތާ ގުޅޭ ލިޔުމުގައި ސޮއިކުރެއްވުމަށް އިންކާރު ކުރައްވައި، ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ހަލީމް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޖާތާ އިސްތިއުފާ ދެއްވީ، ބޮންޑު ގަތުމާއި ވިއްކުމުގެ މި މުއާމަލާތް ހިންގުމަށް ޕެންޝަން ބޯޑުން އިއްޔެ ފާސްކޮށްފައި ވަނިކޮށް، އެކަމާ ގުޅޭ ލިޔެކިޔުންތަކުގައި ސޮއިކުރެއްވުމަށް ދެކޮޅު ހެއްދެވުމަށް ފަހުގައެވެ. ބޯޑުން ބޭނުންވީ މިއަދުން މިއަދަށް މި މުއާމަލާތް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މުއައްސަސާގެ އިސްވެރިޔާގެ ހައިސިއްޔަތުން އެ ލިޔުމުގައި ސޮއިކުރަން ސުޖާތާ ވަނީ އިންކާރު ކުރައްވާފައެވެ.
މި މުއާމަލާތާ ގުޅިގެން މީގެ ކުރިން އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވެސް ވަނީ ލިޔެކިޔުންތަކުގައި ސޮއިކުރަން ދެކޮޅު ހައްދަވައި އިސްތިއުފާ ދެއްވާފައެވެ.
މައްސަލަ ޖެހިގެން އުޅޭ ބޮންޑުގެ މުއާމަލާތް
މިއީ ޕެންޝަން ފަންޑުގައި ހުރި ފައިސާގެ ތެރެއިން 2.4 ބިލިއަން ރުފިޔާ ބޭނުންކޮށްގެން ހިންގާ މުއާމަލާތެކެވެ. މިކަން ކުރަން ރާވާފައިވާ ގޮތަކީ، ޕެންޝަން އޮފީހުން ކުރިން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓު ކުރުމެވެ.
މި މުއާމަލާތް ހުއްޓުވުމަށް ނުވަތަ މިކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން ޕެންޝަން ބޯޑުގެ ޗެއާމަން އަހުމަދު އިނާޒާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރު އަހުމަދު ސަރުވަޝް އާދަމް އަދި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ އަޝްރަފް ރަޝީދު ވެސް ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވާފައެވެ. އިނާޒާއި ސަރުވަޝް ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މިއީ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
ޕެންޝަން އޮފީހުގެ ދިފާއު
މި މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުން ބުނެފައިވަނީ މިއީ ފަންޑުގެ ޕޯޓްފޯލިއޯއަށް ފައިދާވާނެ ކަމެއް ކަމަށެވެ. އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ:
މިކަމުގެ ސަބަބުން ބާޒާރުން ގަންނަން ނުޖެހި، ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށެވެ.
ޓްރެޜަރީ ބިލްތަކުގެ ތެރެއިން ބައެއް، ދިގު މުއްދަތުގެ ޓްރެޜަރީ ބޮންޑަށް ބަދަލުކުރެވި، ޕޯޓްފޯލިއޯ ރިޓާން އިތުރުވެގެންދާނެ ކަމަށެވެ.
އިދިކޮޅުގެ ފާޑުކިޔުން
މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝާހިދު ސިފަކުރެއްވި ގޮތުގައި މިއީ “ފައިސާ ޗާޕުކުރުމަށް” ހިންގާ ޖަރީމާއެކެވެ.
“ސަރުކާރަށް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ނުކުޅެދުމުން، އެކަމުގެ އަގު މުޅި ދިވެހި އިގުތިސާދު ދައްކަން ޖެހުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ އަނިޔާއެއް. ޕެންޝަން އޮފީހާމެދު ރައްޔިތުންގެ އޮތް އިތުބާރު މިއަދު މި ދަނީ ވެއްޔާ މޮޑެވެމުން،” ޝާހިދު ވިދާޅުވިއެވެ.
އަދި މިއީ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައިގެން ހިންގާ ނުރައްކާތެރި މުއާމަލާތެއް ކަމަށާއި، މިކަމުގެ ސަބަބުން އިގުތިސާދަށް ނޭދެވޭ އަސަރު ކުރާނެކަން މާހިރުންގެ ވާހަކަތަކުން އެނގޭ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.