English Edition
Dhivehi Edition
1436 ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތައް ފުރުން - ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިން ކަމަށެވެ. މި ހިދުމަތް ލިބިގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ނެގޭނެއެވެ.

ބީއެމްއެލް އިން ބުނީ މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 8 އިން 26ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށެވެ. މި މުއްދަތުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑާލެވޭނެކަމަށާއި ނަމަވެސް، އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުން ޑޮލަރު ގަތުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އިތުރަށް ބީއެމްއެލް އިން ބުނީ، ކޮންމެ އުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރުކަމަށެވެ. އަދި ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ 5 އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެކަމަށާއި ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން ކަމަށެވެ. އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.