English Edition
Dhivehi Edition
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް

ރިޔާސީ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި އިންތިހާބުތަކުން ދައުލަތް ”ތަޅު އެޅުވިފައި” އޮތް އޮތުން ނިންމުމަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ހުށަހަޅައިފައިވާ އިސްލާހު މުހިއްމުކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިނިސްޓަރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ނިސްޓަރު ވިދާޅުވީ އިންތިހާބުތައް މިހާރު އޮންނަ ގޮތުން ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ޖެހިވަޑައިގަންނަވަނީ ގާތްގާތުގައި އިންތިހާބުތަކަށް ތައްޔާރުވެވަޑައިގަންނަވަން ކަމަށެވެ. އެގޮތުން ރައީސްގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ގިނަ ދުވަސްތަކެއްނުވަނީސް މަޖިލީސް އިންތިހާބަށް ތައްޔާރުވާން ޖެހިވަޑައިގަންނަވާ ކަމަށެވެ. މަޖިލީސް އިންތިހާބަށްފަހު މާ ގިނަ ދުވަސްތަކެއްނުވެ، ދެން ތައްޔާރުވާން ޖެހިވަޑައިގަންނަވަން ޖެހެނީ ލޯކަލް ކައުންސިލް އިންތިހާބަށް ކަމަށެވެ.

”ރައީސް ވެރިކަން ހިންގުމާއެކުގައި މަޖިލީހުގެ ތެރޭގައި އޮންނަ އޮއިވަރާއި މި ހުރިހާ ކަމެއް ބަލަމުންދާއިރު، ހަޤީގަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެންމެ އެކަށީގެންވާ ގޮތަށް ވެރިކަންކުރަން، އެ ފުރުސަތު އެންމެ ރަނގަޅަށް އޮންނަ ކަމަށް ގަބޫލެއް ނުކުރެވޭ. މަޖިލިސް ރަނގަޅަށް ފަށައިގަންނައިރު ދެން މި އޮންނަނީ ލޯކަލް ކައުންސިލް އިންތިޚާބު، އެހެންވީމާ ދައުރެއްގެ ތެރޭގައި 3 އިންތިޚާބެއް ތަޖުރިބާ ކުރަންޖެހޭ” އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންތިހާބުތައް ބާއްވަން ޖެހުމުގެ ސަބަބުން އެކަށީގެންވާ ބާރުމިނުގައި ތަރައްގީގެ ކަންކަންވެސް ކުރިއަށްނުދާ ކަމަށެވެ. އެއީ ރާއްޖޭގެ ވެރިކަން ކުރެއްވި ކޮންމެ ވެރިޔަކުވެސް ތަޖުރިބާކުރަން ޖެހިވަޑައިގަންނަވާ ކަންކަން ކަމަށް ވިދާވިއެވެ.

”މުޅި ދައުލަތް މި އޮންނަނީ އިންތިޚާބުތަކުން ތަޅު އެޅުވިފައި. ޤައުމަށް ހެޔޮ ބަދަލެއް ގެންނާކަށް ފުރުސަތެއް ނުލިބޭ. ތަރައްޤީގެ މަޝްރޫއުތައް ހިންގަން އޮންނަ ފުރުސަތު ވަރަށް ބޮޑަށް މި އޮންނަނީ އިންތިހާބުގެ ބަލިމަޑުކަމުގެ ތެރޭގައި ތަޅުއެޅުވިފައި’‘ މިނިސްޓަރު ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން ރާއްޖޭގެ ރައީސް ކަމަށް ވާދަކުރައްވަން ކިތަންމެ ގިނަ ބޭފުޅުން ނިކުންނެވިޔަސް އެ ބޭފުޅުންނާ އެ ބޭފުޅުންނާ އެކީގައި ރަނގަޅު ޓީމެއް ފެނިގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިންތިހާބު އެއްކޮށްލެވުމުން ސަލާމަތްވަނީ ހަރަދުތައް އެކަނި ނޫން ކަމަށާއި، ޕާޓިވަންތަ ކަމާއެކު މަސައްކަތްކުރުމުގެ ސިފަ ފެންނާނެ ކަމަށެވެ. އަދި ގައުމުގެ ހިންގުން ހަރުދަނާވެގެންދާނެކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.