އޮޕަރޭޝަން އަލިމަގުގެ ދަށުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ގޭންގު ކްރައިމް ސަޕްރެޝަންއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ލ. ހިތަދޫ / ހަފުލާ، އާލީ މުފާވިޒް (21އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް، މާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 614 ގުރާމްގެ ތަކެއްޗާއި 125،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. .
މި މައްސަލައާ ގުޅިގެން އަލީ މުފާވިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.