އަތްތެރި މަސައްކަތުގެ ފަންނުވެރި އާމިނަތު ގުމޭރިއާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަށް ހަދިޔާކުރައްވައިފިއެވެ.
މި ފޭލި އެމަނިކުފާނަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސް ބައްދަލުކުރެއްވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ގުމޭރިއާ ވަނީ ދިވެހި ފޭލި ވިޔުމަށް ޝައުގުވެރިކަން އުފެދިގެން އައި ގޮތާއި އިހު ޒަމާނުގައި ދިވެހި ކާބަފައިން ދިވެހި ފޭލި ވިޔެ އުޅުނުގޮތުގެ އާޖުފާޖު ދަސްކުރައްވައި، އުވެމުންދާ މި މަސައްކަތް އާލާކުރެއްވުމަށް އޭނާ ފައްޓަވާފައިވާ މަސައްކަތުގެ ތަފްސީލުތައް ރައީސްއާ ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ޒަމާންވީ އެކިއެކި މަސައްކަތްތަކާއި އާދަކާދަތައް ކުރިއަރުވައި އާލާކުރުމަށް އެކި ފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެހީތެރިކަން ދެއްވާނެކަން ހާމަކުރެއްވިއެވެ. އަދި މި ފަންނު އާލާކުރުމަށް ގުމޭރިއާ ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވާ، ރައީސް ވަނީ އޭނާއަށް ހިތްވަރުދެއްވާފައެވެ.
ގުމޭރިޔާ ހަދިޔާކުރެއްވި ދިވެހި ފޭއްޔަކީ 1932 ވަނަ އަހަރު ދިވެހިރާއްޖޭގައި ދިވެހީންގެ އާންމު ހެދުމެއްގެ ގޮތުގައި ބޭނުންކުރަމުންއައި ފޭއްޔާއި އެއްގޮތަށް ތައްޔާރުކުރައްވާފައިވާ ފޭއްޔެކެވެ.