ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުންނަށް ހާއްސަކޮށްގެން ތަރައްގީކުރާ 3,260 “އެފޯޑަބަލް ހައުސިން” ޔުނިޓު ނުވަތަ އަގުހެޔޮ ފްލެޓްތަކުގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އެ ތަންތަން ހަވާލުކުރެވޭނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ކުޑަހުވަދޫ ބްރާންޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ކުލި ދައްކައިގެން މިލްކުކުރެވޭ އުސޫލުން ނުވަތަ “ލީސް ޓު އޯން މޮޑެލް” އަށް ކުރިއަށް ގެންދާ މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި ފްލެޓް އެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ވެސް ޝަރީފް ވަނީ ދެއްވާފައެވެ. އެގޮތުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ޖުމްލަ 2,700 ހައުސިން ޔުނިޓް އެޅުމަށް ވަނީ ރާވާފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްއެމްއޭގެ “އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމް” ގެ ދަށުން، ބޭންކުން އުފައްދާފައިވާ ޚާއްސަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ “ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑް” ގެ ބެލުމުގެ ދަށުންނެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ކުންފުނިތަކަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
ދިވެހި ކުންފުނިތައް: އަމީން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ).
ބޭރުގެ ކުންފުނިތައް: ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން.
ޝަރީފް ވިދާޅުވި ގޮތުގައި މި ކުންފުނިތައް ހޮވާފައިވަނީ ގަވަނަންސް އަދި ރިސްކް ސްޓޭންޑަޑްތަކަށް ބަލައި، ވަރަށް ފުރިހަމަ އިވެލުއޭޝަން މަރުހަލާއަކަށް ފަހުގައެވެ.