ހުޅުމާލޭ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ރޭ 03:30 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 03:40 ހާއިރުއެވެ.
އަލިފާން ރޯވެފައި ވަނީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައެވެ. އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އަދި އިމާރާތުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އިތުރަށް އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.