ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް، އެ ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން އަލުން ގޯތި ކަނޑައެޅުމަށް ގުރުނަގަން ފަށައިފިއެވެ.
މިއަދު ހެނދުނު 9:30 އިން ފެށިގެން ސޯޝަލް ސެންޓަރުގައި މި މަސައްކަތް ކުރިއަށްދާއިރު، ހައުސިންގ މިނިސްޓްރީން ބުނީ އަލުން ގުރުނަގަން ޖެހުނީ ޕްލޭނަށް އައި ބަދަލާއެކު ގޯތިތައް ހުންނާނެ ސަރަހައްދުތައް ބަދަލުވެފައިވާތީ، އާ ލޮޓްތަކެއް ކަނޑައެޅުމަށް ކަމަށެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތިތަކުގެ ތަފްސީލު:
1250 އަކަފޫޓުގެ 2605 ގޯތި
1650 އަކަފޫޓުގެ 1213 ގޯތި
2050 އަކަފޫޓުގެ 253 ގޯތި
2450 އަކަފޫޓުގެ 1 ގޯތި
ގުރުނެގުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން، ގުރުއަތުލާ ހޯލަށް ވަދެވޭނީ ކޮންމެ ޕްލޮޓަކުން ވެސް އެއް ފަރާތަށެވެ. ގޯތީގެ ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއި، ބަދަލުގައި އަންނަ މީހާގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން އެކަން އަންގައިދޭ ލިޔުމެއް ގެންނަން ޖެހޭނެއެވެ.
ގުރުނެގުން ކުރިއަށްދާ ވަގުތު، ލިބޭ ޕްލޮޓްގެ މައުލޫމާތު ވަގުތުން “ހިޔާވެހި ޕޯޓަލް” އިން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް ޕްލޮޓް ނަންބަރު ވެރިފަރާތަށް އަންގަމުން ދާނެއެވެ.
ގޯތިތަކުގެ ރަޖިސްޓްރީ އާއި އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތުލުން ނިމުމުންނެވެ. އަދި ގޯތިތައް ހަވާލުކުރާނީ ބިން ހިއްކައި ނިމުމުންނެވެ. މެދުކެނޑުމަކަށްފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ސީއެމްސީސީ ކުންފުނިން އިއްޔެ ވަނީ އަލުން ފަށާފައެވެ.