English Edition
Dhivehi Edition

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގައި 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްތަކެއް ކުރެއްވި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް ރިޓަޔާ ކުރައްވައިފިއެވެ.

އަލީ ޝަރީފް ރިޓަޔާ ކުރެއްވުމާއި ގުޅިގެން މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ތާރިގް އިބްރާހީމް ވަނީ އޭނާ އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ތާރިގް ވަނީ، ޝަރީފް ދިވެހިރާއްޖޭގެ މޫސުމީ ދާއިރާއަށް ކޮށްދީފައިވާ އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކަމަށް ވިދާޅުވެ އޭނާ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ، އަލީ ޝަރީފްގެ ދިގު ހިދުމަތުގެ މުއްދަތުގައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މޫސުމީ މައުލޫމާތު ފޯރުކޮށްދިނުމުގައި ދެއްކެވި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވާފައެވެ. އަދި ވަކިވަކި ރަށްތަކުގެ ރައްޔިތުން ބިރުވެރި މޫސުމީ ހާލަތްތަކުން ސަލާމަތްކުރުމަށްޓަކައި އޭނާ ކޮށްފައިވާ ވަރުބަލިކަމެއް ނެތް މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި ބަލައިގަންނަ މަސައްކަތްތަކެއް ކަމަށް މިނިސްޓްރުވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުގެ އެންމެ ތަޖުރިބާކާރު އެއް މުވައްޒަފު ކަމަށްވާ އަލީ ޝަރީފަކީ، އެ ދާއިރާގެ ކުރިއެރުމަށާއި، ދާއިރާއަށް އަލަށް ގުޅުނު ޒުވާން މުވައްޒަފުން ތަމްރީނުކުރުމުގައިވެސް ނަމޫނާ ދެއްކެވި ބޭފުޅެކެވެ. އޭނާގެ މި ދިގު ހިދުމަތަކީ ދިވެހި ސިވިލް ސާވިސްގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ފަދަ ނަމޫނާ ހިދުމަތެކެވެ.