English Edition
Dhivehi Edition
ހުކުރު ނަމާދު

އަންނަން އޮތް ބަރަކާތްތެރި ރޯދަ މަހަކީ ކެއިންބުއިމާއި އެހެނިހެން ކަންކަމުގައި އިސްރާފުކުރާ މަހަކަށް ނުހެދުމަށާއި، ވިޔަފާރިވެރިން މުދަލުގެ އަގުތައް ހެޔޮކޮށް ދީލަތިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. “ޝައުބާން މަހު ކުރެވޭ ހެޔޮ އަމަލު” މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަލިއަޅުވާލާފައެވެ.

ހުތުބާގައި ވަނީ ވިޔަފާރިވެރިންނަށް ހާއްސަ އިލްތިމާސެއް ކޮށްފައެވެ. އެގޮތުން ވިޔަފާރިވެރިން ދީލަތިވެ، ކުރާ ވިޔަފާރިއަކީ ދުނިޔަވީ ފައިދާގެ އިތުރުން އާހިރަތުގެ ސަވާބާއި ދަރުމަ ލިބޭ ވަސީލަތަކަށް ހެދުމަށް ގޮވާލިއެވެ. ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ދަތިނުވާނެހެން އޯގާތެރިކަމާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ހުތުބާގައި ބާރުއެޅިއެވެ.

މީގެ އިތުރުން، ރޯދަ މަހަކީ ކެއިންބުއިމުގައި ހޭދަކުރާ އިސްރާފުގެ މަހަކަށް ނުހެދުމަށް ވެސް ހުތުބާގައި ވަނީ އަންގާފައެވެ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ހަމައެކަނި ކައިބޮއި އުޅުން ދޫކޮށްލުމުން ނޫން ކަމަށާއި، ދުލާއި ގުނަވަންތައް ފާފަތަކުންނާއި، ހުތުރު ބަސްތަކުންނާއި ޒުވާބުކުރުމުން ދުރުހެލިކޮށްގެން ކަމަށް ހުތުބާގައި ބުންޏެވެ.

މިހާރު ހިނގަމުންދާ ޝަބާން މަހަކީ ރޯދައަށް ތައްޔާރުވާ މައްސަރު ކަމަށް ވާތީ، ވޭތުވެދިޔަ އަހަރުގެ ރޯދައެއް ދޫވެފައިވާ ނަމަ، ރޯދަ މަސް އައުމުގެ ކުރިން އެ ރޯދަތައް ގަޒާކޮށް ނިންމުމަށް ވެސް މިއަދު ވަނީ ހަނދާންކޮށްދީފައެވެ. އަދި އާދަވެގެން ރޯދަ ހިފާ މީހެއް ނޫން ނަމަ، ރޯދަ މަސް ފެށުމުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަ ނުހިފުމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވިއެވެ.