ތ. ވިލުފުށީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްޓަކައި، އެ ރަށު ކައުންސިލްގެ މެމްބަރުން ފިޝަރީޒް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް އަދި ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފެވެ. ވިލުފުށީ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އާއި އެހެނިހެން އިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވިލުފުށީގެ މަސްވެރިންނަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި ޝަކުވާތައް ކައުންސިލުން ވަނީ މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ. އަދި މި ކަންކަމަށް އަވަސް ހައްލެއް ގެނައުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މަސްވެރިންގެ އާންމު ޝަކުވާތަކުގެ އިތުރުން، ރަށުގެ ޒުވާނުންނާ ގުޅުންހުރި މުހިންމު ކަމެއް ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އެއީ ޒުވާނުން އެންމެ ބޮޑަށް ބޭނުންވާ “ސްޕޯޓްސް ފިޝިން” ކަނދުފަތީގެ މަސައްކަތް އަވަސްކޮށްދިނުމެވެ. މިކަން ވީހާވެސް އަވަހަކަށް ކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ވިލުފުށީގައި މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި، މި ދާއިރާއިން ރަށުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.