English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުގައި ކިޔަވައިދިނުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ޖުލައި މަހު ކިޔެވުން ފެށޭތޯ މަސައްކަތް ކުރަމުންދާކަމަށް އެ ޔުނިވަރސިޓީން ހާމަކޮށްފިއެވެ.

ރާއްޖޭގައި މުޅިން އަލަށް ފަށާ މެޑިކަލް ސްކޫލުގެ ކިޔެވުން ފެށެންވާއިރަށް މެޑިކަލް ކަރިކިޔުލަމް، ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް އެ ޔުނިވަސިޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސްކޫލަށް ބޭނުންވާ ތަކެތި ގަތުމާއި، މެޑިކަލް ސްކޫލަށް ބޭނުންވާ ލެބުތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އަދި އެއާއި އެކީ ޔުނިވަރސިޓީގައި ޤާއިމްކުރަންޖެހޭ އިންފްރާސްޓްރަކްޗަރގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.

މިހާރު މެޑިކަލް ސްކޫލަށް ބޭނުންވާ ސްޓާފުން ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެކަމަށް ބޭނުންވާ އުސޫލުތަކާއި ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މެޑިކަލް ސްކޫލު ކުރިއަށްދާނީ ދުނިޔޭގެ ފެންވަރުގެ ރަގަޅު ޕްރޮފެސަރުން ތިއްބަވައިގެންކަމަށްވެސް ޑރ.އަލީ ފަވާޒް ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު ކުރިއަށްގެންދެވެނީ، މިނިސްޓްރީ އޮފް ހެލްތްއާއި ޕާކިސްތާން ސަރުކާރުގެ ދީލަތި އެހީއަކާއި އެކުގައެވެ.