ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ސ. ހިތަދޫ ކެމްޕަސް ހިންގާނެ ވެރިޔަކު ހޯދަން އިޢުލާންކޮށްފިއެވެ.
އެމްއެންޔޫ އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ޔުނިވަރސިޓީގެ އައްޑޫ ސިޓީ ހިތަދޫ ކެމްޕަހަށް ތިން އަހަރުގެ މުއްދަތަކަށް ކެމްޕަސް މެނޭޖަރަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެ އިޢުލާނުގައި ބުނެފައިވާ ގޮތުން ކެމްޕަސް މެނޭޖަރކަމުގެ މަޤާމަކީ އެކަޑެމިކް މުވައްޒަފުންގެ ރޭންކުގައިވާ ކޮންމެ ފަރާތަކަށްވެސް އޮތް ފުރުޞަތެކެވެ. އަދި އިދާރީ މުވައްޒަފުންގެ ތެރެއިން އަދި އާންމުންގެ ތެރެއިން ޑިރެކްޓަރ ލެވެލްގެ ޝަރުތުހަމަވާ ކޮންމެ ފަރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވޭ މަޤާމެކެވެ. ޑިރެކްޓަރު ކަމުގެ ފެންވަރަކީ ދަށްވެގެން އެމް.އެން.އެފް.ކިއު. ލެވެލް 9 ގެ ފާހެއް (މާސްޓާރސް ޑިގްރީ) އެއް އޮތުމެވެ. ނުވަތަ އެމް.އެން.އެފް.ކިއު. ލެވެލް 7 ގެ ފާހެއް (ބެޗެލާރސް ޑިގްރީ) އަކަށް ފަހު 4 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.
އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ޔުނިވަރސިޓީގެ މުވައްޒަފެއްނަމަ މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެއެވެ. އެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ ބައެއް ސިފަތައް ހިމެނޭ އުޞޫލު އެ ޔުނިވަރސިޓީގެ ވެބްސައިޓުން ލިބޭނެއެވެ.
އެ މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި 12،687.50ރ. އާއި ސަރވިސް އެލަވަންސްގެ ގޮތުގައި 5،437.50ރ. ލިބޭނެއެވެ. އަދި ޓެނުއަރޝިޕް އެލަވަންސްގެ ގޮތުގައި 5،000.00 އިން 7،000.00 ރުފިޔާ އާ ދެމެދުގެ އަދަދެއްގެ އިތުރުން ފޯން އެލަވަންސްގެ ގޮތުގައި މަހަކު 500.00 ރުފިޔާ ލިބޭނެއެވެ.
އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް، ނުވަތަ މި ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ.