English Edition
Dhivehi Edition

ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މެޑިކަލް ކޮލެޖުގެ އެންމެ ފުރަތަމަ ބެޗުގެ ކިޔެވުން އަންނަ ސެޕްޓެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މެޑިކަލް ކޮލެޖުގެ އެންމެފަހުގެ ތައްޔާރީތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އެކޮލެޖަށް ބޭނުންވާ ޖާގަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ޢިމާރާތުން ހަމަޖެހިފައިވާއިރު، އެތަނަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ސާމާނު މިހާރު ރާއްޖެ އައިސްފައިވާކަމަށާ، މެޑިކަލް ކޮލެޖުގައި ޤާއިމުކުރަންޖެހޭ ތަފާތު ވަސީލަތްތައް ޤާއިމުކުރުމާއި، ދަރިވަރުންނަށް ބޭނުންވާނެ ލެބޯޓްރީތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މެޑިކަލް ކިޔަވައިދިނުމުގެ ތަޖުރިބާހުރި މެލޭޝިއާގެ ޔުނިވަރސިޓީތަކަކާ ގުޅިގެން ކަރިކިއުލަމް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްއެބަދާ ކަމަށާއި މުޅިތަނުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރ މިހާރު އަޅުގަނޑުމެން އެކުލަވާލާ ނިމިފައިވާ ކަމަށެވެ. އަދި ތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

“މާތްﷲ ގެ ރަޙުމަތްފުޅާ މިންވަރުފުޅުން އަޅުގަނޑުމެން މި އަމާޒުކުރަނީ އަންނަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ފުރަތަމަ ބެޗުގެ ކިޔަވައިދިނުން ފެށުމަށް. ދަރުމަވަންތަ ހޮސްޕިޓަލުން އެކަމަށް ޚާއްސަ ދެ ފަންގިފިލާ ރައީސް ހަމަޖައްސަވައިދެއްވިކަމީ އެމަނިކުފާނު މިކަމަށް ދެއްވާ ސަމާލުކަން ހާމަވާކަމެއް. އަދި ފުރަތަމަ ކިޔަވައިދޭ ބެޗަކީ ހަމަ ފުލް ސްކޮލަރޝިޕެއްގެ ގޮތުގައި މެޑިކަލް ކޮލެޖުގައި ކިޔަވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައި” މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއިން ކުރިއަށްދާން ބެނުންވާ ޒުވާނުންނަށް ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ޤާއިމުކުރާ މެޑިކަލް ކޮލެޖަކީ ޕާކިސްތާނު ސަރުކާރުން ބޮޑު އެހީތެރިކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިންސާނީ ވަޞީލަތް ހޯދުމާއި، ބިނާކުރުން ކަމަށްވީއިރު، އަލަށް ޤާއިމުކުރާ މި މެޑިކަލް ކޮލެޖާއެކު، ފެންވަރު ރަނގަޅު ޤާބިލު ދިވެހި ޑޮކްޓަރުން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.