އެސްޓީއޯ އިން ބުނީ “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން” ގެ ދަށަށް ފާމަސީތައް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލުމަށް ތާވަލުކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
މި ބަދަލާ އެކު އެސްޓީއޯ އިން މުޅި ރާއްޖޭގައި ހިންގަމުން އަންނަ 196 ފާމަސީ އެ ކުންފުނީގެ ދަށަށް ބަދަލުވެގެންދާނެއެވެ. އަދި އެ ތަންތަނުގައި މިހާރު މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ދެން މަސައްކަތް ކުރަމުން ދާނީ އާ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައެވެ.
ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ގޮތަށް އުފެއްދި މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ޑރ. ޝާހު މާހިރެވެ. މި ކުންފުނި އުފައްދާފައި ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.
މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ޑޮކްޓަރީ ބޭހާއި ސިއްހީ ފަރުވާއަށް ބޭނުންވާ އެހެނިހެން ސާމާނު ގަނޑުކޮށް ގަނެ، ރާއްޖެ އެތެރެކުރުމެވެ. އަދި އެ ތަކެތި ރާއްޖޭގެ އެކި ރަށްރަށަށް ފޯރުކޮށްދިނުމުގެ ނިޒާމު ފުޅާކޮށް ހަރުދަނާ ކުރުމަކީ ވެސް މި ކުންފުނި އުފެއްދުމުގެ ބޭނުމެކެވެ.