English Edition
Dhivehi Edition
ދިވެހި އުފެއްދުންތައް އިޝްތިހާރުކޮށް ކުރިއެރުވުމަށް އުފައްދާފައިވާ “އޮތެންޓިކް މޯލްޑިވްސް” ގެ ހިދުމަތަށް ހަ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ގާލާ ނައިޓްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި، އޮތެންޓިކް މޯލްޑިވްސްގެ ވިޔަފާރީގެ ބައިވެރިންގެ އިތުރުން މި ދާއިރާއާ ގުޅުންހުރި މުހިންމު ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ހަފުލާއަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށް މި ބްރޭންޑުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފުލާއެކެވެ.

ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްފައެވެ. އަދި އަމިއްލަ މަސައްކަތްތެރިކަން ކުރިއެރުވުމަށާއި، ކުދި ވިޔަފާރިތަކަށް މާކެޓް ހޯދައިދިނުމުގައި މި ބްރޭންޑުން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ބްރޭންޑްގެ ދަށުން ހިންގާ ފިހާރަތަކަކީ ޓޫރިސްޓުންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަންތަނެވެ. ދިވެހި ސަގާފަތާއި ފަންނުވެރިކަން ދައްކުވައިދޭ އުފެއްދުންތައް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުމަކީ، ދިވެހި އުފެއްދުންތެރިންނަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ.