ދިވެހިރާއްޖެއިން، ސްރީލަންކާއަށް ކަނޑައެޅި އާ ސަފީރު މަސްއޫދު އިމާދުގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައަށް އަރުއްވައިފިއެވެ.
އިއްޔެ ކޮލޮމްބޯގައި ހުންނަ އެ ގައުމުގެ ރައީސްގެ ގެކޮޅުގައި ބޭއްވި މި ރަސްމިއްޔާތުގައި މަސްއޫދު އިމާދު ވިދާޅުވީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނާ ހަވާލުކުރައްވާފައިވާ އިތުބާރާ މަސްއޫލިއްޔަތު ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާކަމުގައެވެ. އަދި ދެ ގައުމު އެއްބައިވަންތަކޮށް ދޭ ތާރީހީ ހާއްސަ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން މަސްއޫދު އިމާދު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށް މަސްއޫދު އިމާދު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަސްއޫލިއްޔަތުތަކާ މަސްއޫދު އިމާދު ހަވާލުވެވަޑައިގަތުމުން ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން ރަނިލް ވަނީ ރާއްޖެ އާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.