މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްޖަދު ހޭނެތިފައި އޮއްވައި ފެނުނީ އޭނާ ވަޒީފާ އަދާކުރަމުންދާ ތިލަފުށީ ސައިޓު ތެރެއިންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ ހަރަކާތެއް ނެތް ކަމަށާއި، މަރުވުމަށް މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުނުވާކަމަށް މައުލޫމާތު ލިބެއެވެ. އަމްޖަދަކީ އާންމުކޮށް ބޯޓު ފަހަރުގައި މަސައްކަތްކުރާ މީހެކެވެ.
ފޯކައިދޫން މައުލޫމާތު ދިން މީހުންނާ ހަވާލާދީ އެކި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އަމްޖަދު އުޅުނީ ދާއިމީ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންނެއް ނޫނެވެ. އޭނާ މަރުވީ އެއްވެސް ބައްޔެއްގައި ނޫޅެ ހުއްޓައި ކަމަށްވާތީ، މިއީ ގުދުރަތީ ކުއްލި މަރެއް ކަމަށް އާއިލާއާއި ގާތް މީހުން ފާހަގަކުރެއެވެ. އޭނާ މަރުވިއިރު ދިރިއުޅެމުން ދިޔައީ ވަޒީފާގެ ބޭނުމަށް މާލެ ސަރަހައްދުގައެވެ.
ޓިކްޓޮކްގައި “ހައްބިއްތަގެ ފިރިމީހާ” ގެ ނަމުން އަމްޖަދު މަޝްހޫރުވެފައިވާއިރު، އޭނާއަކީ ލައިވްތަކުގައި މަޖާ ވާހަކަދައްކައި، މީހުންނާ ގުޅޭ މިޒާޖެއް ގެންގުޅުނު ފަންނާނެކެވެ. އޭނާގެ ކުއްލި ވަކިވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާގެ ރަހުމަތްތެރިންނާއި އޭނާ ދަންނަ ގިނަ އަދަދެއްގެ އާންމުން އަންނަނީ ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.