ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިން ހިދުމަތް ފޯރުކޮށްދީ، ޑޮލަރު ނެގޭ 70 އޭޓީއެމްއާ އެކު ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށްފި އެވެ. މި ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ ބީއެމްއެލްގެ އާ 6 ބްރާންޗަކާއި 90 އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވާފަ އެވެ. މުޅިން އަލަށް ބެހެއްޓި އޭޓީއެމްތަކުގެ ތެރޭގައި ހިމެނެނީ ޑޮލަރު ނެގޭ 70 އޭޓީއެމް އާއި ދިވެހި ރުފިޔާގެ މުއާމަލާތްތަކަށް ހާއްސަ 20 އޭޓީއެމް އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ މިނިސްޓަރުންނާއި ބޭންކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެމަނިކުފާނުގެ އިސްނެންގެވުމަށް ފެށި “ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް” މަޝްރޫއު އެންމެ 9 މަސް ދުވަހުގެ ތެރޭގައި ވަނީ ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރަސްމީކޮށް ނިންމާލި މި މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް މަދުވެގެން އެއް ސެލްފް ސާވިސް ބޭންކިން ޔުނިޓް ވަނީ ބަހައްޓައިފަ އެވެ.
މި ހިދުމަތްތައް ލާމަރުކަޒުވެގެން ދިއުމާ އެކު، ބޭންކުގެ ހިދުމަތް ހޯދުމަށް ރައްޔިތުން ކުރިން އުފުލި ތަކުލީފުތަކަށް ވަނީ ނިމުމެއް އައިސްފަ އެވެ. އެގޮތުން، އެ މީހަކު ހުރި ރަށެއްގައި ހުރެގެން ފައިސާ ޖަމާކުރުމާއި ނެގުމުގެ އިތުރުން، ފައިސާ ޓްރާންސްފާ ކުރުމާއި ކްރެޑިޓް ކާޑު އަދި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ހިދުމަތްތައް މިހާރު ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.