ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ހިންގަމުންދާ މި މަސައްކަތުގެ ދަށުން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 9,188 ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. އޭގެ ތެރޭގައި އެކި ކަހަލަ ކުށްތަކަށް އަރައިގަނެގެން ފިޔަވަޅު އަޅާފައިވާ ފަރާތްތައް ވެސް ހިމެނެއެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އެއް ލައްކަ ނުވަދިހަ ހާހަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ސަރުކާރުން ވަނީ އެއްކޮށްފައެވެ.
ކޯޓާ ދޫކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުގެ ކައިރީގައި މަސައްކަތްކުރާ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ މުއްދަތު ދީފައެވެ. ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ އެ މުއްދަތު ހަމަވުމަށް ފަހު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތެއް ނުދީ އެ މީހަކު ވަގުތުން ޑީޕޯޓުކުރާނެ ކަމަށެވެ.