ރިޔާސީ އިންތިހާބާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މިއަދު ބަލައިގެންފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ. މި ބިލުގެ ބޭނުމަކީ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށާ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުން ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލުގެ ބޭނުމެއް ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައިވަނީ އެ އިސްލާހަށް ބަހުސްކޮށް، އިސްލާހު ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާފައިވާއިރު ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ބިލު ބަލައިގަތުމާ އެއްކޮޅަށް 46 މެންބަރުން ވޯޓު ދެއްވިއިރު، ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓުދެއްވީ 5 މެންބަރުންނެވެ.
އެހެންކަމުން އެ އިސްލާހު އިތުރަށް ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާލައިފައެވެ.