މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއްް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ. މި ބިލުގެ ބޭނުމަކީ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށާ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުން ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލުގެ ބޭނުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ބިލުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައި ބަަޔާންކޮށްފައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެއެވެ.