English Edition
Dhivehi Edition
މުހައްމަދު ޝަފީގު

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ. މި މާރާމާރީ ހިނގާފައިވަނީ ފެބުރުވަރީ 14، 2023 ވަނަ ދުވަހުގެ 15:30 އެހައިކަންހާއިރު، މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައެވެ. މި މަރާމާރީގައި ދައުވާލިބޭ ފަރާތުން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ، ޒަހަމުކޮށްލާފައިވާއިރު މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފައެވެ.

މިގޮތުން، ހާދިސާ ހިނގި ސަރަހައްދުން ހެކި ހޯދުމާއި، މަންޒަރު ދުށް ފަރާތްތަކުގެ ބަޔާން ނެގުމުގެ އިތުރުން، މާރާމާރީ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ބޭނުންވާ ތަހުގީގުގެ މަސައްކަތްތައް ފުލުހުން ފުރިހަމަކޮށްފައިވެއެވެ. މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީސްތަކުގައި، ފުލުހުންގެ ތަހުގީގުން ހޯދާފައިވާ ހެކިތަކާއި، ހެކިންގެ ހެކިބަހުގެ އިތުރުން މައްސަލައާ ގުޅުންހުރި އެހެނިހެން ހެކިތަކަށް ރިއާޔަތްކޮށްފައިވެއެވެ. މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، މާޗު 10، 2026 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ ހުކުމުގައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށް މުޙައްމަދު ޝަފީޤްގެ މައްޗަށް ސާބިތުވާކަމަށެވެ. އެހެންކަމުން، މި ކުށުގެ އުގޫބާތެއްގެ ގޮތުން މުހައްމަދު ޝަފީގު 7 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް އަންގައި، ހުކުމުގެ ކުރީގައި ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 4 އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިފގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް ހާދިސާ ހިނގިތަނުގައި ނުހުންނާނެކަމަށް ޝަފީގު ބުނެފައިވެއެވެ. އަދި ދިފާއުގައި ހެކި ހުށަހަޅާފައިވެއެވެ. ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރިސަތުގައި ދައުވާއަށް ވަނީ އިއުތިރާފުވެއެވެ.