English Edition
Dhivehi Edition
ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތައް ފުރުން - ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
ސްކޫލު ބަންދުގެ ދުވަސްވަރާ ދިމާކޮށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ގޮސްފައިވާއިރު، އަޅުކަމަށް ފަހު އެނބުރި އަންނަ މީހުންގެ ފަރާތުން ބަލިތައް ފެތުރުން ހުއްޓުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރައްކާތެރިކަމުގެ ޚާއްސަ އިރުޝާދުތަކެއް ދީފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ޗުއްޓީ ދުވަސްވަރު 7000 އަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ.

އުމްރާއިން އެނބުރި އަންނައިރު ގިނަ މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައި ތިބޭކަން ފާހަގަކުރެވޭތީ، އެޗްޕީއޭއިން ވަނީ ބަލިޖެހިއްޖެ ނަމަ އެކަމަށް ސަމާލުވުމަށް އަންގާފައެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް ވަނީ އެދިފައެވެ. އަދި ޚާއްސަކޮށް، ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން އުރައި ހެދުމާއި އެކުދިންނާ ގާތްވުމުން ދުރުހެލިވުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އެ އެޖެންސީން ވަނީ ބާރުއަޅާފައެވެ.

މީގެއިތުރުން، ރާއްޖެ އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސައި ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ޑޮކްޓަރަށް ދައްކާއިރު، އެއީ އުމްރާއިން އެނބުރި އައި މީހެއްކަން ބުނުމަށް ވެސް ވަނީ އެދިފައެވެ. ބަލިވެ އުޅޭ ނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، ޑޮކްޓަރެއްގެ ލަފަޔާ ނުލައި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންނުކުރުމަށް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

ޓެގު