މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓަކާއި މައްސަލައާ ގުޅުންހުރި ބަޔާންތަކެއް ހުށަހަޅާފައެވެ. ފުލުހުންގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މި މީހާގެ ބޭންކު އެކައުންޓުން މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާކަން ފާހަގަކުރެވެއެވެ. އަދި މިކަމަށް ބާރުދިނުމުގެ ގޮތުން ފުލުހުން ވަނީ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ޑިޕޮސިޓް ސްލިޕްތަކެއް ވެސް ޝަރީއަތަށް ހުށަހަޅާފައެވެ.
ކޯޓު އަމުރުގައި އޭނާ ކުރަމުން ދިޔަ ވިޔަފާރީގެ ތަފްސީލެއް ހާމަކޮށްފައި ނެތް ނަމަވެސް، ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ވިޔަފާރީގެ މުއާމަލާތްތަކުގައި އިތުރު ބަޔަކު ޝާމިލްވެއެވެ. ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި މި މައްސަލަ ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.