English Edition
Dhivehi Edition
ރާއްޖެއިން ފުރާ ބިދޭސީން

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފެހެއްޓުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން 3،322 ބޭރު މީހަކު ޑީޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ބިދޭސީންނާއި ގުޅުން ހުރި 257 ތަނަކަށް ރެއިޑްކޮށް އެކިއެކި މައްސަލަތަކުގައި ޝާމިލުވި 3،322 ބިދޭސީއަކު ޑީޕޯޓުކޮށްފައިވާ ކަމަށެވެ.

އިތުރަށް އިމިގްރޭޝަނުން ބުނީ ޑީޕޯޓު ކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހުންނާއި ލިޔެކިއުންތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށެވެ. އަދި މީގެތެރޭގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާ މީހުން ވެސް ހިމެނޭކަން އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ގަވައިދާއި ހިލާފަށް އުޅޭ މީހުން ހޯދައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިމިގްރޭޝަން އިން އަލަށް ތައާރަފުކުރި އިމިގްރޭޝަން ވޮޗުން ކޮންމެ މީހަކަށްވެސް ބިދޭސީންނާއި ގުޅޭ މައްސަލަތައް ރިޕޯޓްކުރެވޭއިރު، މިހާތަނަށް އިމިގްރޭޝަނުންވަނީ އިމިގްރޭޝަން ވޮޗަށް ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.