English Edition
Dhivehi Edition
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އެމީހުންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތްތަކަށް އިތުރު ފުރުސަތެއް ދީފިއެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ހޯމް މިނިސްޓްރީން ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ރުފިޔާ އަށްވުރެ އިތުރުވާ ކުންފުނިތަކުގެ ލިސްޓެއް އާންމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހެއެވެ.

ފައިސާ ދެއްކުމަށް ފުރަތަމަ މުހުލަތެއްގެ ގޮތުގައި ދިން މުއްދަތު މި މަހުގެ 12 ވަނަ ދުވަހު ހަމަވިއިރު، 182 މިލިއަން ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށެވެ. ފުރަތަމަ މުހުލަތެއްގެ ގޮތުގައި ދިން މުއްދަތުގައި 20 ކުންފުންޏަކުން ފައިސާ ދައްކާފައިވާއިރު، ފީތައް ނުދައްކާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާ ހޯމް މިނިސްޓްރީން ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ފީއަކާއި ޖޫރިމަނާ ދައުލަތައް ދައްކައި ހަލާސްކުރުމަށް އަންގާފައެވެ. އިތުރަށް މިނިސްޓްރީން ބުނީ އެގޮތަށް އަމަލު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން އެކްސްޕެޓް ސިސްޓަމުން ދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލައި ނިޒާމް ބޭނުން ކުރުމުން އެފަރާތްތައް ސަސްޕެންޑް ކުރެވޭނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.