English Edition
Dhivehi Edition
ބަނގުރާ/ފައިލްފޮޓޯ ޕޮލިސްމީޑިއާ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މާމިގިލީގައި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މެއި މަހުގެ 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު އުތުރު ފަރާތު ގޮނޑުދޮށުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 78 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މިމައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.