ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބ. ހިތާދޫ، އަންދަލީބުގެ، އުމުރުން 50 އަހަރުގެ އަހުމަދު ޝަރީފާއި ލ. އިސްދޫ، ބްލޫކިޔާ، އުމުރުން 49 އަހަރުގެ އަހުމަދު ހާތިމްއެވެ. މީހަކު ލައްވައި ގަދަކަމުން މާފަށް އެދުުވައި، އެ މީހާއަށް ޖިސްމާނީ ގޮތުން އަނިޔާކޮށް މޫދަށް ކޮއްޕާލާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ފުލުހުން ވަނީ އެކަން ސަމާލުކަމަށް ގެނެސް އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި ވައްކަމުގެ ތުހުމަތުކުރެވޭ މީހާއަށް އަނިޔާކޮށް ގާނޫނާ ހިލާަފު އަމަލުތައް ހިންގި މި ދެ މީހުން ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މައްސަލަ ފެންމަތިވިތާ މާ ގިނައިރުތަކެއް ނުވަނީސް ކަމަށް ފުލުހުން ބުންޏެވެ.