“ވޮއިސަސް ފޯ އެ ލިވިން ޕްލެނެޓް” ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ އިންސާނީ ހައްގުތަކާއި ތިމާވެއްޓާ އޮތް ގުޅުމުގެ މައްޗަށެވެ. އެގޮތުން ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، އިންސާނީ އަމަލުތަކުގެ ސަބަބުން ވެއްޓަށް ކުރާ އަސަރުތައް މޮނިޓަކޮށް އެކަންކަމަށް ފާރަވެރިވުމުގައި ޖަމިއްޔާތަކަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނެވެ. މީގެއިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ކުރިމަގުގައި ކުރެވޭނެ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަމަލީ މަގުޗާޓެއް މި ބައްދަލުވުމުގެ ތެރެއިން ވަނީ ކަނޑައަޅާފައެވެ.
މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަންގެ މެމްބަރު ޑރ. އާއިޝަތު ރަމީލާ ވަނީ މިފަދަ ފޯރަމްތައް ސިލްސިލާކޮށް ކުރިއަށް ގެންދިޔުމުގައި ޖަމިއްޔާތަކުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކުން ލިބޭ މައުލޫމާތުގެ އަލީގައި ރައްޔިތުންނަށް ފައިދާހުރި ޕްރޮގްރާމްތައް ހިންގުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ނޯވޭގެ ފޮރިން މިނިސްޓްރީގެ އެހީއާއެކު، ޔޫއެންޑީޕީ އާއި އޯއެޗްސީއެޗްއާރް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ޖަމިއްޔާތައް ބާރުވެރިކުރުމަށް އެކުލަވާލާފައިވާ 2026 ގެ ނިޔަލަށް ހިނގާ ސްޓްރެޓެޖީގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުންޏެވެ.