ސްޕެނިޝް ކަޕް ކުޓާ ފައިނަލް ދެވަނަ ލެގުގައި ރޭ އެސްޕަނިއޯލް 2-0 ލަނޑުން ބަލި ކުރުމަށް ފަހު ، ބާސެލޯނާ މުބާރާތުގެ ސެމީފައިނަލް އިން ޖާގައެއް ކަށަވަރު ކޮށްފިއެވެ.
މި ދެ ޓީމު ބައްދަލުކުރި ކުއާޓާ ފައިނަލް ފުރަތަމަ ލެގުގެ މެޗު އެސްޕަނިޔޯލްގެ ދަނޑުގައި 1-0 ލަނޑުން އެސްޕަނިއޯލް ކާމިޔާބުކޮށްފައިވާއިރު ރޭ ކުޅުނު ދެވަނަ ލެގު ބާސާއިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 2-0 ލަނޑުން މޮޅުވެ 1-2 ގެ އެގްރިގޭޓް ނަތީޖާ އަކުން ސެމީއަށް ދަތުރު ކޮށްފައެވެ.
މި ދެ ޓީމް ރޭ ކުޅުނު މެޗުގައި ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު ރޭގެ މެޗުގައި ބާސެލޯނާއިން ވަނީ ފުރަތަމަ ހާފްގެ ކުރީ ކޮޅު އެސް ޕަނިއޯލް ކޮޅަށް ދެ ލަނޑު ޖަހައި ހިމަޖެހިލާފައެވެ.
މި ގޮތުން އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ނުވަ ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ބާސެލޯނާއަށް ލީޑު ނަގާދީފައި ވާއިރު ބާސެލޯނާގެ ދެވަނަ ލަނޑު މެޗުގެ 25 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ލިއޮނަލް މެސީއެވެ.
ރޭގެ މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލް ދޫކޮށް މިސީޒަންގައި ބާސެލޯނާ އާއި ގުޅުނު ބްރެޒިލްގެ ފިލިޕް ކުޓީނިއޯ ވަނީ ދެވަނަ ހާފްގައި ބާސެލޯނާގެ ޖާޒީގައި ކުޅެން ނިކުމެއް މޮޅު ކުޅުމެއް ދައްކާފައެވެ.