English Edition
Dhivehi Edition

ސްޕެނިޝް ކަޕްގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ލެގާނޭސް އަތުން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކޮށް ކާމިޔާބު ކަމާއެކީ ސީޒަން ނިންމާލި ރިއަލްމެޑްރިޑަށް މިސީޒަންގައި އަދި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ރޭގެ މެޗުން ލެގާނޭސް އަތުން 2-1 ލަނޑުން ބަލިވެ ރިއަލް މެޑްރިޑް ވަނީ މިމުބާރާތުން ވެސް ކަޓާފައެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-1އިން ރިއަލްމެޑްރިޑް ކާމިޔާބުކުރި ނަމަވެސް ރެއާލް ލެގާނޭސް ވަނީ ރޭގެ މެޗު ކާމިޔާބުކޮށް ނަތީޖާ 2-2 އިން އެއްވަރުކޮށްގެން އަވޭ ގޯލުން ކުރި ހޯދައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ރޭގެ މެޗުގެ 31 ވަނަ މިނެޓުގައި ލެގަނޭސް އިން ވަނީ ހަވިއާ އެރާސޯގެ ލަނޑުން ލީޑު ނަގައިފަ އެވެ. އެހެން ނަމަވެސް ރިއަލ މެޑްރިޑުން ވަނީ މެޗުގެ 47 ވަނަ މިނެޓުގައި އެއްވަރުކޮށް ސެމީގެ އުންމީދު އާކޮށްފައެވެ.މި ލަނޑު ރިއަލްއަށް ކާމިޔާބުކޮށްދީފައިވަނީ މިސީޒަންގައި ދަށް ކުޅުމެއް ދައްކަމުންދާ ކަރިމް ބެންޒެމާ އެވެ. ރޭގެ މެޗުގައި ބެންޒެމާގެ ލަނޑުން ރިއަލް އެއްވަރު ކުރި ނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި ގެބްރިއަލް ޖެހި ލަނޑާ އެކު ލެގަނޭސް އަށް ކުރި ހޯދައި ސެމީގެ ޖާގައެއް ހޯދާފައެވެ.

ސްޕެނިޝް ކަޕުން ރެއާލް ކެޓިއިރު ރިއާލްއާއި އެންމެ ވާދަވެރި ކުލަބް ބާސެލޯނާ މިރޭ ސެމީގެ ޖާގައެއް ކަށަވަރުކުރުމަށް ނިކުންނާނީ އެސްޕަނިޔޯލްއާ ދެކޮޅަށެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ އެސްޕަނިޔޯލް އިންނެވެ.

ބާސާގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 1:30 ގައެވެ.