އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ބަދަލު ނުކުރަން ނިންމައި، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.
ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަކުރަންޖެހޭއިރު، ހިތަދޫއިން މި ފަހަރު ވެސް އަންހެނުންނަށް ޚާއްސަކޮށްފައިވަނީ ކައުންސިލްގެ މި ދައުރުގައި ވެސް އަންހެނުންނަށް ހާއްސަކޮށްފައިވާ މާމެންދޫ ދާއިރާ އާއި ބޭރުމަތި ދާއިރާ އެވެ.
އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ބޭރުމަތި ދާއިރާގެ ޕީއެންސީގެ މެމްބަރުން މިކަމާ ކަންބޮޑުވުން ފާޅުކޮށް އީސީއަށް ޕެޓިޝަނެއް ހުށަހެޅިއިރު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަނީ އީސީއަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.
އީސީން ރޭ އާންމުކުރި ދާއިމީ ރިޕޯޓުގައި ބުނީ ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ޚާއްޞަކުރެވޭ ދާއިރާތައް ކަނޑައެޅުމަށްޓަކައ،ި ގޮނޑިތައް ނަގާފައިވަނީ އެކަމަށް ހާއްސަ ކުރެވިފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ރެންޑަމްކޮށް ޖެނެރޭޓްކޮށްގެން ކަމަށެވެ. އެގޮތުން އެ އެޕްލިކޭޝަނުން ހިތަދޫއިން ރެންޑަމްކޮށް ޖެނެރޭޓްވި ދެ ދާއިރާއަކީ ބޭރުމަތި އަދި މާމެންދޫ ދާއިރާ ކަމަށް އީސީގެ ރިޕޯޓުގައިވެ އެވެ.
އެ ދެ ދާއިރާގެ އިތުރުން ދެން އައްޑޫއިން އަންހެނުންނަށް ހާއްސަކުރަނީ މަރަދޫ ދާއިރާ އާއި ފޭދޫ މަގުއްދޫ ދާއިރާގެ ގޮނޑި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.
މި އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެ އެވެ