English Edition
Dhivehi Edition
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ

އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 73000އަށްވުރެ ގިނަ ވޭޕްގެ ސާމާނު ހިފަހައްޓާފައިވާކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާތިމަތު ދިޔާނާ ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 73000އަށްވުރެ ގިނަ ވޭޕްގެ ސާމާނާއި 24 މިލިއަން ރުފިޔާގެ ސިނގިރެޓް ހިފަހައްޓާފައިވާ ކަމަށެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާޙުގެނެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެންވަނީ އަމަލުކުރަން ފަށާފައެވެ. މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަމުން އަންނައިރު ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ޤާނޫނުގައިމވަނީ ބަޔާންކޮށްފައެވެ.