English Edition
Dhivehi Edition
ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން އަތުލައިގަތް ބޯޓު / ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ބޯޓުތައް ހިފަހައްޓާފައި ވަނީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯރއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޑިސެންބަރު 17 ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އިތުރަށް އެމްއެންޑީއެފް އިން ބުނީ މި ދެ ބޯޓު މިހާރު ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށެވެ.