English Edition
Dhivehi Edition
ސިވިލް ސޮސައިޓީ އެވޯޑު ހަފްލާ / ފޮޓޯ: ޔޫތު މިނިސްޓްރީ

މަދަނީ ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ޒުވާނުންގެ ވެހީގެ ވަކި މާލަންތަކެއް އެއްވެސް ފީއެއް ނެގުމަކާ ނުލާ ހިލޭ ދޫކުރާނެކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މަދަނީ ޖަމިއްޔާތަކުން އެ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ލިބުމަށް ދިމާވާ ދަތިތަކާއި ގުޅޭ ކަންބޮޑުވުންތައް ކަމަށެވެ. އެގޮތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ޒުވާނުން ވެހީގައި، މަދަނީ ޖަމިއްޔާތަކަށް ހާއްސަ ކުރެވިފައިވާ ދެކޮޓަރިއެއް ހުންނާނެކަމާއި، މީގެ އިތުރުން ތަމްރީނު ކްލާސްތައް ހިންގުމަށްޓަކައި ޒުވާނުންގެ ވެހީގައި ފުރަތަމަ ފްލޯގައި ތަމްރީނު ހޯލެއްވެސް ހާއްސަ ކުރެވިފައިވާކަމަށް މިނިސްޓާރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއަހަރު ސިވިލް ސޮސައިޓީ އެވޯޑު 7 ޖަމިއްޔާއަކަށް ލިބުނު ނަމަވެސް، 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު ވަޒަންކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެ އެވޯޑުގެ ސަބަބުން މަދަނީ ޖަމިއްޔާތަކުގެ ހަރަކާތްތައް އިތުރަށް ހަރުދަނާވެ ގައުމީ ތަރައްގީގައި އެފަރާތްތަކުގެ ދައުރު ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މަދަނީ ޖަމިއްޔާތަކުން ރަށްރަށުގައި އަތޮޅު ފެންވަރުގައި ހިންގާ ހަރާކާތްތަކަށް ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ދެމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ 15 ޖަމިއްޔާއަކަށް އެހީތެރިކަން ފޯރުކޮށްދިން އިރު އެކަށީގެންވާ ގޮތުގައި އެކި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިނުވާކަމަށެވެ. އެކި ޖަމިއްޔާތަައް އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައި ތިބިކަމަށާއި ދިމާވެފަިއވާ ދަތިތައް ހިއްސާކޮށް އެ މަޝްރޫޢޫތައް ކުރިއަށްގެންގޮސް ނިންމުމަކީ އެކަމާ ގުޅުންހުރި ރައްޔިތުންނަށްޓަކާ ނިންމަންޖެހޭކަމަށެވެ.