English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އަންނަ ރޯދަ މަހުގެ ކުރިން ދައްކައި ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއެކު ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި މަސް ނިމެންވާއިރަށް ގިނަ ބިލުތަކަށް ފައިސާ ދައްކައި ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

“ދޭން ހުރި ފައިސާ ވެސް އިރާދަކުރެއްވިއްޔާ، މި ދެންނެވިހެން ފުދޭ ވަރަކަށް ގިނަ ފަރާތްތަކަކަށް މި މަސް ނިމޭއިރަށް، ބާކީ މިއޮތް 15 ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ ޕޭ ކޮށްލެވޭތޯ. އަދި ހަމައެއާއެކީގައި ޖެނުއަރީ މަސްތެރޭގައި ބާކީ އެމައުންޓް ވެސް ރޯދަމަހާ ހިސާބަށް ދާންވާއިރަށް ކުލިއާކޮށްލެވޭތޯ މި ބަލަނީ،” ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ސަރުކާރުން ދައްކަންޖެހޭ ބިލުތަކަށް ބަލާފައި، މީރާއަށް ވިޔަފާރިތަކުން ދައްކަން އޮތް ފައިސާއަށް ލުއިތަކެއް ގެނެސްދިނުމަކީ މިހާރު ވެސް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް މިހާރަށްވުރެ އެކަން ފުޅާކޮށް، ގިނަ ވިޔަފާރިތަކަށް އެ ލުއިދެވޭނެ ގޮތެއް އޮތްތޯ ބައްލަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާއިރު ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ސޯޝަލް މީޑިއާގައި މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.