English Edition
Dhivehi Edition
ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ "އިސްލާމީ ކުތުބުޚާނާ".-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލޭގައި އިމާރާތްކުރާ ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާންގައި ވަނީ ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދިނުމާއި ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްކަމަށެވެ. އަދި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިހާރު ވަނީ މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމްއާއި ހުޅުމާލޭގައި ތަރައްޤީކުރާ ދާރުލްސަލާމް ވަޤުފު އިމާރާތުގެ ބިންގާ އަޅާފައެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފުރު އިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް މި ފެށޭ އަހަރު ފެށުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެއާއި މާލޭގައި ތަރަޤީކުރަން ފަށާފައިވާ ވަޤުފު އިމާރާތްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިމާރާތްތަކެކެވެ. މި އިމާރާތްތަކުން ލިބޭ އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް އަދި ބާކީ ހުރި %80 އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުތަކަކީ މި މަޝްރޫޢުއަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢުތަކެކެވެ.

މާލޭގައި ތަރައްޤީކުރާ ވަޤުފު އިމާރާތްތަކުގެ އިތުރުން އައްޑޫ ސިޓީއާއި، ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤްފު މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއެކު މި މަޝްރޫޢުތައްވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފައެވެ. މި މަޝްރޫޢުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.