މަގާމަށް އިންތިހާބުވަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި “ދެން ވެސް އާދަމް އާޒިމް”ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، ރައްޔިތުންނަށް މަސައްކަތްތައް ކޮށްދޭން ޖެހޭނީ ވޯޓާ ޖެހުނީމައެއް ނޫން ކަމަށެވެ.
މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ ދެވަނަ ދައުރަކަށް ހޮވައިދޭން އެދި ރައްޔިތުން ކައިރިއަށް ދަނީ، ކަންތައްތައް ކޮށްދީފައިކަމަށެވެ. މަގާމަކަށް އިންތިހާބުކޮށްދޭން އެދި، ރައްޔިތުންނަށް ކަންކަން ކޮށްނުދީ އައިސްގެން ނުވާނެކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. އަދި ވިސްނުމަކީ އެންމެނާ ގުޅިގެން ރައްޔިތުންނާ ގުޅިގެން ހިދުމަތް ކޮށްދިނުންކަމުގައި އާދަމް އާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ ކަންކަން ހައްލުކުރުމަކީ ފަސޭހަ ކަންކަން ކަމުގައި ދެކިގެން ނުވާނެ ކަން ފާހަގަކުރައްވަމުން އާދަމް އާޒިމް ވިދާޅުވީ ލީޑަޝިޕް ރޯލަކީ ފަސޭހަ ރޯލެއް ނޫން ކަމަށެވެ. އަދި، އެ މަގާމުގައި ހުންނައިރު، ފަސޭހަވިޔަސް އުނދަގޫ ވިޔަސް ރައްޔިތުންގެ މަސައްކަތްތައް ކޮށްދޭން ޖެހޭ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.