ގަވާއިދާ ހިލާފަށް އުޅެމުންދިއަ ބިދޭސީއެއް ހައްޔަރުކޮށް، އިތުރު 3 ބިދޭސީއަކަށް ނޯޓިސް ދީފިއެވެ.
ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް މިހާރު ކުރިއަށްދާއިރު މި އޮޕަރޭޝަންގެ ތެރެއިން ހުޅުމާލެ ފޭސް 1 އިން 4 ތަނެއް ބަލައި ފާސްކޮށްފައެވެެ. އަދި މި އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އިތުރު 3 ބިދޭސީއަކަށް ވަނީ ނޯޓިސް ދީފައެވެ.
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހުޅުވާލީ ނޮވެންބަރު މަހުގެ 27ވަނަ ދުވަހުއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އެލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވާއިރު ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. ގަވާއިދާ ހިލާފަށް ‘އޯޕަން ވިޒާ’ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތްތަކުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމެވެ.