English Edition
Dhivehi Edition
އައްޑޫ ސިޓީ ރިސޯޓެއްގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރަނީ
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އައްޑޫ ސިޓީއަށް 17،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ދައްކައިފި އެވެ.
އެ މިނިސްޓްރީން މި މައުލޫމާތު ހިއްސާކޮށްފައި ވަނީ މި ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދުތަކާ ގުޅިގެންނެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި އައްޑޫ (ސ. އަތޮޅަށް) ޖުމްލަ 17،763 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މުޅި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދާ އަޅައިބަލާއިރު 0.9 ޕަސަންޓެވެ. އައްޑޫއާ ކައިރީގައިވާ ފުވައްމުލައް ސިޓީއަށް މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ ހަތް ހާހެއްހާ ޓޫރިސްޓުންނެވެ. އަދި ދެކުނުގެ އެހެން އަތޮޅުތަކަށް ބަލާއިރު ގއ. އަތޮޅަށް 31،000 އަށް ވުރެ ގިނަ ޓޫރިސްޓުން ގޮސްފައިވާއިރު ގދ. އަތޮޅުގައި 17،329 މީހުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ރާއްޖެއަށް މި އަހަރު މިހާތަނަށް 2.04 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މުޅި ރާއްޖެއިން ވެސް އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައި ވަނީ ކ. އަތޮޅުގަ އެވެ. އެގޮތުން 44 ޕަސަންޓަށް ވުރެ ގިނަ ޓޫރިސްޓުން ކ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ހިދުމަތް ހޯދާފައިވެ އެވެ. ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 178 ރިސޯޓާއި 950 ގެސްޓްހައުސްގެ އިތުރުން ގިނަ އަދަދެއްގެ ސަފާރީ އާއި ހޮޓާތައް އަންނަނީ ހިންގަމުންނެވެ.