English Edition
Dhivehi Edition
ހެލްތް މިނިސްޓްރީ ފޮޓޯ އެޓޯލް ޓައިމްސް
ހުޅުމާލޭގައި ހިންގާ ޑެންޓަލް ކްލިނިކަކުން ދަތްތަކެއް ނެގި ފަހުން، ސ. ހިތަދޫ އުމުރުން 60 އަހަރުގެ ހަދީޖާ ސަލީމް ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ފެންމަތިވެ އެކަން ހެލްތް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އާއިލާގެ ފަރާތުން މި މައްސަލަ ހުށަހެޅުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ އޯރާ ކެއާ ޑެންޓަލް ކްލިނިކުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވީ އެ ތަނުން ތިން ދަތް ނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އާއިލާއިން ބުނާ ގޮތުގައި ދަތް ނެގިތާ ވިއްސަކަށް މިނެޓް ވީތަނާ އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެ، ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ މަރުވެފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ، އެ މައްސަލަ އެ އިދާރާއަށް ހުށަހެޅުމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް، މައްސަލައިގެ ތަހުގީގު އަދި ނުނިމޭތީ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.