ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އިތުރަށް މަސައްކަތްކުރުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ކައުންސިލްތަކަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ‘ކާފު ފޯރަމް 2025’ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ފެހި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ހިފެހެއްޓިފައިވާ އެތައް ބާރުތަކެއް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމަށެވެ. އިތުރަށް މިނިސްޓަރި ވިދާޅުވީ ކަންކަން ކުރިއަށް ގެންދަވައި ރަށްރަށުގެ ކައުންސިލުން އަދި ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތް ކުރުން، މި ނިޒާމުގައި ތިބެގެން މަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނީ. ‘މަސައްކަތް ކާމިޔާބުކުރަން ބޭނުންވާނަމަ ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑަށް ވަރަށް ބޮޑަށް ތަޖުރިބާކުރެވިގެންދޭ” މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށްތަކުގެ ކައުންސިލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުންތަކުގައި ވެސް ކައުންސިލުން ހުށަހަޅައި ގޮތް ގޮތަށް ކަންކަން ގެންދަން، ރައީސް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ކާފު ފޯރަމަކީ މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދިޔަ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށާއި އަދި މިއީ ވަރަށް ބޭނުންތެރި ފޯރަމެއް ކަމަށެވެ. މީގެ ކުރިން ތަޢުލީމީ ދާއިރާގައި ހޭދަކުރެއްވި ކާމިޔާބު ދުވަސްތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ޙާޞިލްކުރަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.