އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު ‘ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން’ ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ ހިޒް މެޖަސްޓީ ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނިޝިއޭޓިވް (އެސްއެމްއައި) އިންނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގައި ބައިނަލްއަގްވާމީ ޑިވެލޮޕްމަންޓް ބޭންކްތައް (އެމްޑީބީތައް) މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވިކުރުމެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ “ޑެޓް-ފޮރ-ކްލައިމެޓް” އަދި “ޑެޓް-ފޮރ-ނޭޗަރ” މަޝްރޫޢުތައް ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވާ، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.
ރައީސް މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އިތުރަށް އުފުލުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވްގެ މި ބައްދަލުވުމަކީ، ސަރުކާރުތަކުގެ ލަނޑުދަނޑިތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ގުޅުވައިލުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތެކެވެ.