English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދޭ ފައިސާ އުނިކޮށް، ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް އެލަވަންސެއް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިހާރު އޮންނަ ގޮތުން ދެ ދައުރަށްވުރެ ކުރު މުއްދަތަކަށް ވެރިކަންކުރެއްވި، ކުރީގެ ރައީސުންނަށް މަހަކު 275،000ރ. ލިބިވަޑައިގަންނަވައެވެ. އެއީ މާލީ އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ ދިރިއުޅޭނެ ތަނުގެ ހަރަދަށް 50،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދަށް 175،000 ރުފިޔާއެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ކުރީގެ ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ނުލިބެއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މި އިސްލާހުގައިވަނީ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލާށެވެ. އަދި، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ އެ މުއްދަތުގައި ވެސް އިނާޔަތްތައް ނުލިބޭ ގޮތަށް ހެދުމަށް ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދޭން އިސްލާހުގައިވަނީ ހިމަނާފައެވެ. އެގޮތުން ނައިބު ރައީސުންނަށް މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފައެވެ. އަދި ދިވެހިރާއްޖެ އާއި ބޭރު ގައުމުތަކުން ދައުލަތުގެ ހަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުށަހަޅާފައިވާއިރު ނައިބު ރައީސުން ވެސް މަގާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އިނާޔަތްތައް ނުލިބޭނެ ކަމަށް ވަނީ ހުށަަހަޅާފައެވެ.

އިސްލާހު ފާސްކުރަން ވޯޓަށް އެހުމުން އެ ވަގުތު މަޖިލީހަށް ހާޒިރުވެތިއްބެވި 68 މެންބަރުންގެ އިއްތިފާގުން އެ އިސްލާހު ވަނީ ފާސްކޮށްފައެވެ.