English Edition
Dhivehi Edition
“ލިލީ” ފިލްމުގެ ޕްރިމިއާގައި މޮޑެލްއަކު ލައިގެން ހުރި ހެދުމަކާ ގުޅިގެން ގައުމީ ފެންވަރެއްގައި ބަހުސްތަކެއް އުފެދި، ރައީސުލްޖުމްހޫރިއްޔާ ވެސް އެކަމަށް ފާޑުވިދާޅުވެފައި ވަނިކޮށް، އެ ހެދުން ފަރުމާކުރި ޑިޒައިނަރަށް ސަރުކާރުގެ ކުންފުންޏަކުން “މޮޅު އެވޯޑެއް” ދިނުމުން އާންމުންގެ ފާޑުކިޔުން ބޮޑުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބީސީސީ ކޯޕަރޭޝަނުން ދޭ “ޕޮޕިއުލާ އެމްއެސްއެމްއީ އޮފް ދަ އިޔާ” ގެ އެވޯޑު އިއްޔެ ލިބުނީ، އެ މައްސަލަ ޖެހުނު ހެދުން ތައްޔާރުކުރި “ފާތިމާސް ވާޑްރޯބް” ގެ ވެރިޔާ ފާތިމާއަށެވެ. މުޖުތަމައުގެ މިންގަނޑުތަކާ ހިލާފު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، އަދި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދިވެހި ސަގާފަތާ ނުގުޅޭ ކަމަށް ވިދާޅުވެފައިވާ މަސައްކަތެއް ކުރި ފަރާތަކަށް، “ފަންނުވެރިކަމުގެ” އެވޯޑެއް ސަރުކާރުން ދިނުމަކީ ޖޯކެއް ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި އެވޯޑު ދިނުމާއެކު، އެ ހެދުން އެޅި މޮޑެލް އަލީ ނާހިދު ވަނީ މިއަދު ހަނުހުރުން ނިމުމަކަށް ގެނެސް ބަޔާނެއް ނެރެފައެވެ. ނާހިދު ބުނީ އޭނާ އެ ހެދުން އެޅީ ޑިޒައިނަރުގެ އެދުމުގެ މަތިން، އެ ފަރާތުގެ ފުރިހަމަ ބައިވެރިވުމާއި ރުހުމާ އެކު ކުރިއަށް ގެންދިޔަ ރަސްމީ “ކޮލަބަރޭޝަން” އެއްގެ ދަށުން ކަމަށެވެ. އެއީ އަންހެން ހެދުމެއް ނޫން ކަމަށާއި، ދެކުނު އޭޝިއާގެ ތާރީހީ ހެދުންތަކުން މިސާލު ނަގައިގެން ފަރުމާކުރި ފިރިހެން “ކުރުތާ” އެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އާންމުންގެ ނުރުހުން އަމާޒުވުމުން، ހަގީގަތް އެނގިތިބެ ޑިޒައިނަރާއި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އޭނާ އެކަނިވެރިކޮށްލައި، ހުރިހާ ޒިންމާއެއް އޭނާގެ ބޮލަށް ޖަހާފައި ޑިޒައިނަރު “ފިލީ” ކަމަށް ނާހިދު ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ފަރާތްތަކުން، ހާއްސަކޮށް ނާއީޝާ ފަދަ އިންފްލުއެންސަރުން ފާހަގަކޮށްފައި ވަނީ، ގޯހެއް ހެދުމުން މައާފަށް އެދުމުގެ ބަދަލުގައި، މޮޑެލް ގުރުބާންކޮށްފައި ޒިންމާއިން ރެކުނު ވިޔަފާރިވެރިއަކަށް އެވޯޑު ދިނުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ. އެހެންކަމުން، މޮޅު ފަރުމާތަކުގެ އަގުވަޒަންކޮށް ދިން މި އެވޯޑަކީ، ރައީސްގެ ބަސްފުޅާއި އާންމުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ދީފައިވާ އެވޯޑެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.