މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ގާނޫނުގައި ވަކިން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ގަލޮޅުއުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މި ބުލުގައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ ށ. ގެ 7 ވަނަ ނަންބަރުގެ ފަހަތަށް އާ ނަންބަރެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. އެގޮތުން “މިސްކިތަށް ގެއްލުން ދިނުން” އެއަކުރުގައި ހިމެނުމަށް މި ބިލުގައި އެދިފައިވެއެވެ.
މި ބަލާއި ގުޅޭ ގޮތުން މުހައްމަދު އިބްރާހީމް ވިދާޅުވީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ދިވެހިރާއްޖޭގައި މިސްކިތްތަކަށް ގެއްލުން ދިނުމުގެ އަމަލުތައް އިތުރުވަމުން އަންނަކަމަށާ އެހެންކަމުން މި ބިލު ހުށަހެޅުމުގެ ބޭނުން ބޮޑު ކަމަށެވެ.
މިފަދަ އަމަލުތަކަކީ މިސްކިތްތަކުގެ ހުރުމަތާއި ކަރާމާތަށް އުނިކަން ލިބޭ ކަންކަން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.